Election Commission of Maldives


ނޫސް ބަޔާން

17 ސެޕްޓެމްބަރު 2023, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ތާރީޚް: 17 ސެޕްޓެންބަރު 2023 (އާދީއްތަ)                                          ނަންބަރު: (PR)38-BC/38/2023/5

 

ރިޔާސީ އިންތިޚާބު 2023 ގެ ރީ-ރަޖިސްޓްރޭޝަނަށް ކޮމިޝަނުގެ ފަރާތުން ބޭނުން ކުރަމުން ގެންދާ  ޕޯޓަލްއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށްފަހު، ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް ހުރިހާ ރައްޔިތުންނާއި، ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުންކުރަމުން އަންނަ ޕޯޓަލްއެކެވެ. އަދި އެ ޕޯޓަލްގެ މަސައްކަތަކީ، އައިޓީ  ސެކިއުރިޓީ ކޮންސަލްޓަންޓްއެއްގެ ލަފައާއި އިރުޝާދުގެ މަތިން ބަލަހައްޓަމުން ގެންދާ މުހިންމު މަސައްކަތެއްކަމުގައި ދަންނަވަމެވެ. އަދި ޕޯޓަލްގެ އެކްސެސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް މީހަކަށް ނޯންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 40,000 އަށް ވުރެ ގިނަ ފޯމު ރަޖިސްޓަރީކުރި އިރުވެސް އެއްވެސް މައްސަލަ އެއް ދިމާނުވެ، ދެވަނަ ބުރަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް 47,000 ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. މިގޮތުން، 19,000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާއިރު 27,000 ވުރެ ގިނަ ފޯމެއް ވަނީ ޞައްޙަކުރުމުގެ މަރުހަލާގައެވެ.

ރީ-ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން، ވޯޓުލުމަށް ރީ-ރަޖިސްޓަރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށް ކެންޑިޑޭޓުންނާއި، ޕާޓީތަކާ ޙިއްޞާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުޞަތަށް ހުޅުވާލެވޭނެއެވެ. ރީ-ރަޖިސްޓަރޭޝަންގެ މި އޮންލައިން ޕްރޮސެސްއަކީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތެއް ހޯދައިދިނުމަށްޓަކައި ތަޢާރަފްކޮށް ބޭނުންކުރަމުންގެންދާ ޕޯޓަލް އެކެވެ. ނަމަވެސް، މި ޕޯޓަލް އާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް، ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ގެންދާތީ އެފަދަ ޙަޤީޤަތަކާ ޚިލާފު ޚަބަރު ނުފެތުރުއްވުމަށް ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުއްވުމަށްވެސް މި ކޮމިޝަނުން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.