Election Commission of Maldives


2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާގުޅޭ

03 މާޗް 2024, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ތާރީޚް: 03 މާރިޗު 2024 (އާދީއްތަ)                                            ނަންބަރު: (PR)38-BC/38/2024/2

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާގުޅޭ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

އެގޮތުން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަން އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި އިންތިޚާބު ބާއްވަންޖެހޭ ތާރީޚް ރަމަޟާންމަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމި ދިހަ ދުވަސް ފަހުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 2024 މާރިޗު 11 ނުވަތަ 12 އަށް ވުމުގެ އިޙްތިމާލު އޮތުމާއެކު، ބުނެވިދިޔަ ޤާނޫނަށް ރިޢާޔަތްކޮށް އެންމެ އަވަހަށް އިންތިޚާބު ބޭއްވޭނެ ތާރީޚަކީ 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހެވެ. އޭގެ އިތުރުން، ޤާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރިން އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 2024 މެއި 28 އަށް ހަމަވާނެތީ، 2024 އެޕްރީލް 28 ގެ ކުރިން ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ޤާނޫނުއަސާސީއާ އެއްގޮތަށް ނިންމުމަކީ މި ކޮމިޝަނުގެ ޤާނޫނީ ޒިންމާއެކެވެ.

އިންތިޚާބެއް އޮންނަ ކޮންމެ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް، ހަމަޖެހިގެންދިއުމާއިއެކު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުންއެދި، މިހާރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާނީ ދެންނެވިފައެވެ.