ނޫސް ބަޔާން
30 ޖޫން 2022 - 2 މުޙައްރަމް 1444
ޤާނޫނު ނަންބަރު 4/2013 (ސިޔާސީޕާޓީގެ ޤާނޫނު) ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ދެވި އެމުއްދަތު 2022 ޖޫން 14 އަށް ހަމަވިއިރު، 3000 (ތިންހާސް) މެންބަރުން އެޕާޓީއަށް ހަމަވެފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޕާޓީ އުވާލުމަށް ކޮމިޝަނުން މިއަދުވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ކޮމިޝަނުންވަނީ އެޕާޓިގެ ލީޑަރޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލުކޮށްފައެވެ.
އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރާކަތެއް ނުހިންގުމަށާއި، ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެޕާޓީއަށް ވަނީ ލިޔުމުން އަންގާފައެވެ.