(PR)38-BA/38/2022/5 :ނަންބަރު
ނޫސް ބަޔާން
2022 ނޮވެންބަރު 30 ވީ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ސެކިއުރިޓީ ރޫމަށް، އިމާރާތުގެ ބޭރުން ވަދެ ފަޅާލާފައިވާތީއާއި، 2022 ޑިސެންބަރު 10 ވީ ހޮނިހިރު ދުވަހު، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބައު-އިމާރާތުގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ ގުދަނެއް ފަޅާލުމާ ގުޅިގެން، މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ ރިޕޯޓުކުރެވިފައެވެ. އަދި މި ދެންނެވުނު ދެ މައްސަލަ، އެ މުއައްސަސާގެ ފަރާތުން ދަނީ ބައްލަވަމުންނެވެ.
ސެކިއުރިޓީ ރޫމު ފަޅާލިއިރު، އެ ތަނުގައި އިންތިޚާބަކާ ގުޅުން ހުރި ލިޔެކިޔުމެއް އަދި އިންތިޚަބާކާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް، އެ ތަނުގައި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓްބުކް ގެއްލިފައިވުމުގެ އިތުރުން، އެ ތަނުގައި ހުރި އެއްވެސް އެއްޗެއް އަޅާފައިނުވާ، ބައު-ތިޖޫރީއަކަށް ވަނީ ގެއްލުންތަކެއް ދީފައެވެ. އަދި ހަމައެހެންމެ، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބައު-އިމާރާތުން 11 ޔޫ.ޕީ.އެސްއާއި، 65 އިންޗީގެ ދެ ޓީވީއާއި، 2 ސްޕީކަރު ސެޓާއި، 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަނީ ވަގަށް ގެންގޮސްފައެވެ.
މި ދެ ހާދިސާއާ ގުޅިގެން، މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. މީގެ ކުރީން ހިނގާފައިވާ މިފަދަ ހާދިސާތަކާއި، މި ދެ ހާދިސާއާ ގުޅިގެން މި ކޮމިޝަނުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުނުވާނޭހެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ދެ ހާދިސާއާ ގުޅިގެން، މި ދެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ދެ މުއައްސަސާގެ ސަމާލުކަމަށް މިކަންތައްތައް ގެނެސް، މިފަދަ ހާދިސާއެއް ނުހިނގާނޭހެން ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް، ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ވަނީ ދެންނެވިފައެވެ.
ވައްކަމުގެ މި ދެ ހާދިސާއާ ގުޅިގެން، ކުރިއަށް ހުރި އިންތިޚާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ކޮމިޝަނުގެ މަސައްކަތްތައް ހިނގާ އިމާރާތްތަކުގެ ސެކިއުރިޓީގެ ކަންކަން، ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ވަރުގަދަ ކުރުމަށްޓަކައި، މި ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަމެވެ.
20 ޑިސެންބަރ 2022