Election Commission of Maldives


ނޫސް ބަޔާން

06 ޖުލައި 2023, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ތާރީޚް: 6 ޖުލައި 2023 (ބުރާސްފަތި)                            ނަންބަރު: (PR)38-FA/38/2023/4

ހ.ސީވީޑް، ޙަސަން ލަޠީފަށް "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް 2023 މޭ 24 ގައި މިކޮމިޝަނުން ދީފައިވާ ހުއްދައިގެ ދަށުން އެ ފަރާތުން ހުށަހަޅުއްވާފައިވާ 3,560 ފޯމުގެ ޞައްޙަކަން ކަށަވަރު ކުރުމަށްފަހު ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ލަސް ކުރިކަމަށްބުނެ އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމާގުޅޭގޮތުން 2023 ޖޫން 18 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަނުގެ ކުއްލި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅުއްވާފައިވާ ފޯމުތައް 3 މަސްދުވަހަށް ދަންމާލަން އެއްވެސް މެންބަރަކު ހުށަހަޅައި، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެއް ނުވެއެވެ. އަދި، އެރޭގެ ޖަލްސާއާ ހަމައަށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ހެކީންގެ މަޢުލޫމާތާއި، ފޯމުގައިވާ މަންމަގެ މަޢުލޫމާތާއި، ސިޔާސީ ޕާޓީގައި ރަޖިސްޓަރީ ނުވެވޭ ފަރާތްތަކުގެ ބްލެކް ލިސްޓު، ސިޔާސީ ޕާޓީގެ މެންބަރޝިޕް ފޯމު ޕްރޮސެސްކުރާ ސިސްޓަމް (ސިމެދަ ޕޯޓަލް) އަށް އަޅައިގެން ވެރިފައިކޮށް ނިމިފައެއްނުވެއެވެ.

އެހެންކަމުން، އެރެއިން އެރެއަށް ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގެ އަޣުލަބިއްޔަތު ލިބިފައިނުވާ ކަމާއި، އިސްވެ ދެންވެނު އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދޫކުރެވުނު ހުއްދައިގެ ދަށުން މި ކޮމިޝަނަށް ހުށަހެޅުއްވި 3,560 ފޯމުގެ ތެރެއިން، ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ 3,000 ފޯމުގެ ޞައްޙަކަން ކަށަވަރު ކުރުމަށްފަހު، ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ، 2023 ޖުލައި 02 ވީ އާދީއްތަ ދުވަހު ހ.ސީވީޑް، ޙަސަން ލަޠީފަށް ކޮމިޝަނުން ވާނީ ދީފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އަބަދުވެސް މިކޮމިޝަނުން ބާރުއަޅާނޭކަމާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރުމަށް ކަމުގައި، ދިވެހި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނުގެ ޙުރުމަތް ކެނޑޭގޮތަށް އަދި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނާމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ކޮމިޝަނަށް އަމާޒުކޮށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުދެއްކެވުމަށް އިލްތިމާޞް ކުރަމެވެ.